އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ އިދާރާތަކަކީ ސިޔާސީ ތައައްސަބުން މިނިވަންވެފައިވާ ތަންތަނަށް ވާންޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ 2025، ހުޅުުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި އަހަރުގެ މިފޯރަމްގެ ތީމެެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ”ސްޓްރެންތެނިންގ އިންޓަގްރިޓީ އެންޑް ކޮމްބެޓިންގ ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ“އެވެ.
މިއީ ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އާއި ސަޢުދީ ޢަރަބިއްޔާގެ އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) ގުޅިގެން މާދަމާގެ ނިޔަަލަށް ބާއްވާ ޚާއްސަ ފޯރަމެކެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ނޫން ކަމަށާއި އެއީ އޭގެ ސަބަބުން ކޮންމެ ރައްޔިތެއްގެ ހައްޤުތައް ރައްކާތެރިކުރެވޭ ފަރުދީ ޒިންމާއެއް ކަމަށެވެ.
”އޭސީސީ ފަދަ އިދާރާތަކަކީ މިނިވަން އަދި ސިޔާސީ ތައައްސަބުން މިނިވަންވެފައިވާ ތަންތަނަށް ވާންޖެހޭ“ ނައިބު ރައީސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރާ މަސައްކަތްތަކުގައި ނަތީޖާ ނެރެވޭނީ ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ޝާމިލުވުންވެސް ލިބިގެންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ މި ސިނާޢަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ކޮރަޕްޝަނާ ދެކޮޅަށް ހުރި ހިރާސްތައް ނައްތާލަންޖެހޭކަމަށް ވިދާޅުވެފައެވެ.
މި ފޯރަމްގައި ބައިނަލްއަޤްވާމީ އިދާރާތައް ހިމެނޭހެން 170 އަށްވުރެ ގިނަ އިސްވެރިން ވަނީ ބައިވެރިވެފައެވެ.



