ޒުވާން ޖީލު ދުންފަތުން ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ތައުރީފް ކުރައްވައިފިއެވެ.
ޑަބްލިޔުއެޗްއޯ އިން ރައީސްގެ ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަށް ތައުރީފުކުރައްވާފައި ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވި އައު ރެޕްރެޒެންޓޭޓިވް، މސ. ޕޭޑެން މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމްއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެ ބައްދަލުކުރެއްވުމުގައި މަންދޫބު ޕޭޑެން ވަނީ އާންމު ސިއްހަތުގެ ރައްކާތެރިކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި ރާއްޖެއަށް އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މިސް ޕޭޑެން ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގެންގުޅުއްވާ ސިޔާސަތާއި އަޅުއްވާ ފިޔަވަޅުތަކަށް އަދި ޒުވާން ޖީލު ދުނަފަތުން ރައްކާތެރިކުރުމަށް އަޅުއްވާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވާފައެވެ.
ސިއްހީ ނިޒާމު ހަރުދަނާކުރުމާއި، ޞިއްހީ ދާއިރާ ކުރިއެރުވުމުގައި ރާއްޖެއިން އިސްކަންދޭ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމު ޞިއްހަތު ރައްކާތެރި ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކަށް ޑަބްލިޔުއެޗްއޯއިން ދެއްވާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ދެއްވާނެކަމުގެ ޔަޤީންކަންވެސް އެ ކަމަނާ ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ދުންފަތް ކޮންޓްރޯލްކުރުމަށް މުހިންމު އަދި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
އެގޮތުން އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާ ކަމެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.



