ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި ޚަބަރުތައް ރިޕޯޓް ކުރާނޭގޮތުގެ ގައިޑްލައިން އާއްމުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ގައިޑްލައިން މިހާރު މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
މި ގައިޑްލައިން ފަރުމާކޮށްފައި ވަނީ، ނަފްސާނީ ޞިއްޙަތާއި އަދި އަމިއްލައަށް މަރުވުމުގެ މައްސަލަތައް މީޑިއާގެ ޒަރީޢާއިން ރިޕޯޓްކުރުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ރިޕޯޓްކުރުމަށް މީޑިއާއަށް އެހީތެރިވުމުގެ މަޤްޞަދުގައި ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
އެގޮތުން ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި އެކިއެކި ޙާލަތްތަކަށް ރައްދުވާ ޢާއްމު އުޞޫލުތަކުގެ އިތުރުން ނަފްސާނީ ބަލި ހުންނަ ފަރާތްތަކުން ހިންގާ އަނިޔާއާއި ކުށުގެ ޢަމަލުތައް ރިޕޯޓްކުރުމުގައި ޚާއްޞަ ސަމާލުކަންދޭންވާ ކަންކަމާއި ކުޑަކުދިންނަށް ނިސްބަތްވާ ނަފްސާނީ ޞިއްޙަތުގެ ޚަބަރު ރިޕޯޓުކުރުމުގައި ސަމާލުކަންދޭންވާ ކަންކަން އެ ގައިޑްލައިންގައި ވަނީ ފާހަގަކޮށްފައެވެ.
ހެލްތު މިނިސްޓްރީން ބުނީ ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި ޚަބަރު ރިޕޯޓްކުރުމުގައި ޢަމަލުކުރާނޭގޮތުގެ ގައިޑްލައިން އެކުލަވާލުމުގެ އަމާޒަކީ މި މަޢުޟޫޢަށް ލިޔުމުގެ ތެރެއިން މާނަވީ އިޖުތިމާޢީ ބަދަލުތައް ގެނައުމަށް މީޑިއާ ބާރުވެރި ކުރުވުން ކަމަށެވެ.
މިގޮތުން މުޖުތަމަޢުގެ ޢާންމު ވިސްނުން ބައްޓަންކުރުމުގެ މައްޗަށް މީޑިއާގެ ކިބައިގައިވާ ބާރު އީޖާބީގޮތެއްގައި ބޭނުންކުރެވިދިޔުމަށް މަގުދެއްކުން ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މި ގައިޑްލައިންގައި ރިޕޯޓުކުރުމުގައި ޢާންމުންނަށް ހުށަހެޅޭ މަޢުލޫމާތަކީ ޞައްޙަ، ރަނގަޅު، އަދި އިންޞާފުވެރި މަޢުލޫމާތަށްވުން ޔަޤީންކުރުމަށްޓަކައި ޢަމަލުކުރާނޭގޮތުގެ އުޞޫލުތައް ވަނީ ހިމަނާފައެވެ.
ބަހާއި ތަޞްވީރު އިޚްތިޔާރު ކުރުމުގައި ވިސްނަންޖެހޭ ކަންކަމާއި ޚަބަރު އެކަށައެޅުމުގައި ފޯކަސްކުރާނޭ އެންގަލް އިޚްތިޔާރު ކުރުމުގައި ސަމާލުވާންޖެހޭ ކަންކަމާއި، ޚަބަރުގައި ހިމަނާނޭ ތަފްޞީލްތައް ކަނޑައެޅުމުގައި ވިސްނަންޖެހޭ ކަންކަންވެސް އެ ގައިޑްލައިންގައި ވަނީ ބަޔާންކޮށްފައެވެ.




