”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ވިދާޅުވީ އެހެން ސަރުކާރުތަކުން މަސައްކަތްކޮށްފައިނުވާ ވަރަށް މި ސަރުކާރުން ވާނުވާ ބަންދަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާކަން ފާހަގަވާކަމަށެވެ.
އެގޮތުން މި ސަރުކާރުން ކުރައްވާ މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ފެނުމުގެ އުންމީދު އެބައޮތްކަމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު އެބޭފުޅުން ވަނީ ސަރުކާރުން އެ މައްސަލައަށް ޙައްލު ހޯދުމަށް ކުރައްވާ މަސައްކަތްތަކުގައި އެ ބޭފުޅުންގެ ހުރި ޚިޔާލުތައް ޙިއްޞާކުރައްވާފައެވެ.
މިގޮތުން ”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓަރކުރެވޭނެ އިންތިޒާމެއް، ނުވަތަ އިލެކްޓްރޯނިކް ވަޞީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުޞަތު ދެއްވުމަށް ފެނިވަޑައިގަންނަވާ ކަމުގައި އެ ބޭފުޅުން ވިދާޅުވިއެވެ.
އަދި އެފަދަ ފަރާތްތަކުގެ މައްސަލަ އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް އިންސާނީ ކަރާމާތް ގެއްލޭފަދަ ކަންކަމަށް ”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތައް ހުށަހެޅިފައިވާކަމަށާއި، އިސްލާމްދީނުގައި މިކަންކަމަށް އޮންނަ ރިވެތި އުޞޫލުތައްވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މިގޮތުން އިހުސާންތެރިވުމަށާއި، އަދުލުވެރިކަން އިސްކުރުމަށާއި، އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާކަންކަން ވެސް މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއްކަމުގައެވެ.
އަދި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް އާއި އެޓަރނީ ޖެނެރަލާ މަޝްވަރާ ކުރައްވައިގެން، މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، 1 ފުރުޞަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ، ބައްލަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުންދާކަމަށާއި، ވަގުތީ ގޮތުންވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރުވެސް މަސައްކަތް ކުރައްވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ޖަލުތަކުގެ ހާލަތު ބައްލަވާނެކަމަށާއި އަދި ބައްދަލުވުމުގައި ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް، ޚާއްޞަ އިސްކަމެއް ދެއްވައިގެން ބައްލަވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މި ބައްދަލު ކުރެއްވުމުގައި، ”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ވަނީ ”ވާނުވާ ބަންދު“ ގެ ތަފާސް ހިސާބުތަކާއި، އެކި މައްސަލަތަކުގެ މަޢުލޫމާތު ހިމެނޭ އަދި އެ މައްސަލަތަކަށް މިހާރުން މިހާރަށް ގެނެވޭނެކަމަށް ބެލެވޭ ޙައްލުތައް ހިމަނާފައިވާ ކަރުދާހެއްވެސް ރައީސް އަށް ހުށަހަޅުއްވާފައެވެ.



