ހުޅުމާލޭގައި ސަރުކާރުން ތަރައްޤީކުރި ތެލަސީމިއާ ސެންޓަރު، އޮރެންޖު ހިޔާ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފުން ކުރި ޕޯސްޓެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމާފައިވާ ކަމަށެވެ.
އަދި މިއަދު ހެލްތު މިނިސްޓްރީއާ އެ އިމާރާތް ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އާ އިމާރާތަށް ތެލަސީމިއާގެ ޚިދުމަތްތައް ބަދަލުކުރި ނަމަވެސް،
ޚިދުމަތް ހޯދާ ފަރާތްތަކަށް ކަންކަން ފަހިވާނެ ގޮތަށް، ބަލި މީހުންނާ އަދި ޚިދުމަތް ހޯދާފަރާތްތަކާ ގުޅިގެން އެފަރާތްތަކުގެ މަޝްވަރާއާއެކު، ގާތުން ކަންކަން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައަމަދު މުޢިއްޒު ވަނީ އިރުޝާދު ދެއްވާފައެވެ.
މިއީ އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސްއާ އޯވަރޯލްކޮށް މަސައްކަތް ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްއިން ކޮށްފައިވާއިރު، މަސައްކަތުގެ އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިންނެވެ.
އެމްއެންޑީއެފް އިން ބުނީ އޮރެންޖު ހިޔާ އެމްއެންޑީއެފާ ހަވާލުކުރުުމުން އެ އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ޑިޒައިނިންގ ޓީމުން ވަނީ އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނެސްފައި ކަމަށެވެ.




