ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ޔުނެސްކޯއިން އެހީވާން ނިންމައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި މި ދައުރުގެ ތެރޭގައި ހިމެނުމަށް ވެދެއްވެން އޮތް އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދޭނެކަމަށް ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާ ވިދާޅުވެފައިވާ ކަމަށެވެ.
އެކަމަނާ މިހެން ވިދާޅުވެފައި ވަނީ އިއްޔެ ހެރިޓޭޖް މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމްއާއި އެކު ބޭއްވެވި ބައްދަލުު ކުރެއްވުމުގައެވެ.
މި މަޝްރޫޢުގެ މަސައްކަތް ރާއްޖޭގައި ކުރަމުންދާތާ މިހާރު 13 ވަރަކަށް އަހަރު ވެފައިވާކަމަށް ޗީފް ޖުންހީ ހަންއާ ފާހަގަކުރެއްވި ކަމަށް ހެރިޓޭޖް މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން ރާއްޖެއިން ނެތިހިނގައިދާނެ ބިރު ހީވެފައިވާ މަޢުނަވީ ތަރިކަ ޚިމާޔަތްކުރުމަށްވެސް ޔުނެސްކޯ ދެކުނު އޭޝިއާގެ އޮފީހުގެ ފަރާތުން އެހީތެރިކަން ދެއްވާނެކަން ހާމަކުރައްވާފައިވާ ކަަމަށް ހެރިޓޭޖު މިނިސްޓްރީން ހާމަކުރެއެވެ.




