ޕާކިސްތާނުގައި ތިބި ދިވެހިންގެ ޙާލު މި ދަނީ ގާތުން ބަލަމުން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިހެެން ބުނެފައި މި ވަނީ އިންޑިއާ އާއި ޕާކިސްތާނާއި ދެ ގައުމުގެ ދެމެދުގައި ހިޔާލުތަފާތުވުން އުފެދި ހަމަނުޖެހުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އެހެންކަމުން އެ މިނިސްޓްރީން މިރޭ ބުނީ ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު އެ މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
އަދި ޕާކިސްތާނުގައި މި ވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އެ މިނިސްޓްރީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންގެންދާ ކަމަށެވެ.
ހަމައެހެންމެ ޕާކިސްތާނުގެ މަޝްރަހު މިހާރަށްވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މި ވަގުތު މަސައްކަތް ކުރަމުންދާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
”މި ދަނޑިވަޅުގައި، ޕާކިސްތާނުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައި، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރަން“ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިރައްޔިތަކަށް ދިމާވާ ކަންކަމުގައި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ އެ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.
ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ގުޅޭނެ ނަންބަރު: 923008504143 +
މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 7983400


