ރާއްޖެއަށް އިލެކްޓްރޯނިކް ވޯޓިންގް (އީ-ވޯޓިން) ނިޒާމު ގެންނަން އުޅޭ ވާހަކަތައް ހޯމް މިނިސްޓަރު އަލީ އިހްސާން ދޮގު ކުރައްވައިފިއެވެ.
އިހްސާން މިކަން ދޮގުކުރައްވާފައި ވަނީ ރާއްޖެއަށް އީ-ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން އަންނާތީ އެ ފަރާތްތަކަށް ރައްދު ދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ އެސްޓޯނިއާގައިވެސް އަދި ރޭގެ ރަސްމިއްޔާތުގައިވެސް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަކުރާރުކުރެއްވި އެއް ވާހަކަފުޅަކީ އީ ވޯޓިންގ ފިޔަވައި ރާއްޖޭގައި އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ޚިދުމަތެއް ދޭންވާނެ ކަމަށެވެ.
އެގޮތުން މިކަމުގެ ފަހަތުގައި އީ-ވޯޓިންގް އެއް ނޫން ކަމަށާއި ނަމަވެސް އެކަމުގެ ފަހަތުގައި އޮތީ ކޮރަޕްޝަން ނައްތާލައި ހަރަދު ކުޑަކޮށް ޚިދުމަތްތައް އަވަސްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން ކަމަށް އިހްސާން ވިދާޅުވިއެވެ.
”ރައީސް އަރިހުގައި އެސްޓޯނިއާއަށްވެސްދެވި، އަދި ރޭގެ ޖަލްސާގަވެސް ބައިވެރިވެވި އިއްތިފާގުން މޯލްޑިވްސް 2.0 އިމްޕްލިމެންޓްކުރުމުގެ ޒިންމާވެސް އޮތް ވަޒީރުގެ ހައިސިއްޔަތުން“ މިކަން ހާމަކުރައްވާކަމަށް އިހްސާންގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އިހްސާން ވިދާޅުވީ ބައެއް ކަންކަމަކީ ޤައުމަށްޓަކައި ސިޔާސީ ދެބަސްވުން އެއްކިބާ ކުރަންޖެހޭ ކަންކަން ކަމަށާއި މިއީ އެފަދަ ކަމެއް ކަމަށެވެ.



