ޤައުމެއް ކުރިއަރައިދާނީ، ޒަމާނީ ވަސީލަތްތަކާއި ފަސޭހަތައް އެ ޤައުމެއްގެ ރައްޔިތުންނަށް ލިބިގެން ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވެފައި ވަނީ ބާސެލޯ ނަސަންދުރައިގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ’ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް‘ ރައީސް ޑރ. މުހައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވާފައިވާތީ އެކަމަށް އިޝާރާތްކޮށެވެ.
އެ ރަސްމިއްޔާތުގައި ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލައި ޤައުމުގައި އޮތް ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެކަމަށް އިޝާރާތްކުރައްވާ ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ހަލުވިކަމާއެކު ޤައުމެއް ކުރިއަރައިދާނީ، ޒަމާނީ ވަސީލަތްތަކާއި ފަސޭހަތައް އެ ޤައުމެއްގެ ރައްޔިތުންނަށް ލިބިގެން ކަމަށެވެ.
”މި މަގަށް ދިވެހިރާއްޖެ ގެންގޮސް، ޒަމާނީ ވަސީލަތްތަކުން ފުރިހަމަވެފައިވާ އައު ދިވެހިރާއްޖެއަކަށް ދިވެހިން ވާސިލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރާއި ތަހުނިޔާ ދަންނަވަން“ ފަހުމީ ވިދާޅުވެފައި ވެއެވެ.
ފަހުމީ ވިދާޅުވީ ޝައްކެއްވެސް ނެތް ގޮތުގައި، ރާއްޖެއިން ކޮރަޕްޝަން ނައްތާލައި، ހަލުވިކަމާއެކު ހިންގުން ހަރުދަނާކޮށް، ދެފުއްފެންނަ ހަރުދަނާ ނިޒާމުތަކެއްގެ ތެރެއިން ރައްޔިތުންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ހޯދައިދީ، ރާއްޖެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުކުރުމަށް، ވިސްނުންތެރި ތަޞައްވުރަކާއެކު ރައީސް ފައްޓަވާފައިވާ މަސައްކަތަކީ އިންޤިލާބީ ބޮޑު ބަދަލެއްގެ ފެށުން ކަމަށެވެ.
އަދި ދިވެހި ރައްޔިތުން އެދޭ ބަދަލު ރައީސް މުޢިއްޒަށް ގެނެސްދެއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ފަހުމީ ވިދާޅުވިއެވެ.
”މާތްﷲ ގެ އިރާދަފުޅާއެކު ރައީސް މުޢިއްޒުގެ މި ތަޞައްވުރުގެ ފޮނިމީރުކަން އަވަސް މުސްތަޤުބަލެއްގައި ދިވެހިންނަށް ލިބިގެންދާނެކަން ޔަޤީން“ ފަހުމީ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ފަހުމީގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވީ ދުޢާ އަކީ ރައީސްގެ މަސައްކަތްޕުުގައި ބަރަކާތްލައްވާ، ދިވެހި ރައްޔިތުން އެދި އެދި ތިބި ”މޯލްޑިވްސް 2.0“ ގެ އިންޤިލާބީ ފަސޭހަތައް ރައްޔިތުންނަށް ލިބިގެން ދިއުން ކަމަށެވެ.




