މައްކާ ރޫޓް އިނީޝިއޭޓިވްގައި، 1446 ވަނަ އަހަރު ރާއްޖެ ހިމަނަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމުގެ ސަބަބުން ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށްދެވޭނެ ކަމަށާއި ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށް ކަމަށެވެ.
އަދި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް އެހާމެ ފަސޭހަވެގެންދާނެ ކަމަށާއި މިއީ ރާއްޖޭގެ ޙައްޖުވެރިންނަށް ލިބިގެންދިޔަ ތާރީޚީ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
1446ވަނަ އަހަރުގެ ދިވެހި ޙައްޖު ވެރިންނަށް މައްކާ ރޫޓް އިނީޝިއޭޓިވް ހަމަޖެހުމުން ލުއިފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ޚިދުމަތްތައް:
1. ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މަގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
2. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓަރ ކުރެވި، ބޯޑިންގ ޕާސް ވަގުތުން ލިބޭނެގޮތް މެގުފަހިވުން.
3. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގައި މިކަމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ޓަރމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ކިންގްޑަމް އޮފް ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓަރމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމުވުން.
4. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ކިންގްޑަމް އޮފް ސަޢޫދީ ޢަރަބިއްޔާ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
5. ޙައްޖުވެރިންގެ ފޮށިތައް އެއަޕޯޓުން ލިބެންދެން އެރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް މި އިނީޝިއޭޓިވްގެ ދަށުން ސީދާ ރައްދުކޮށްދިނުން.
އިސްލާމިކް މިނިސްޓްރީން ބުނީ މައްކާ ރޫޓްގައި ރާއްޖެ ހިމަނައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އެދިފައިވަނީ މީގެ ދެ މަަސްކުރިން ކަމަށެވެ. އަދި އެއީ މިކަމާގުޅޭ ގޮތުން ސަޢޫދީ އަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާ އެކު ކުރެވުނު ގިނަ މަޝްވަރާތަކަށް ފަހު ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މި ފުރުޞަތު ދިވެހިންނަށް ފަހިކޮށްދެއްވިކަމަށްޓަކައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އާލްސައޫދަށާއި ވަލީ އަޙުދު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް އިޚުލާޞްތެރި ކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
އަދި ސަައުދީ އަރަބިއްޔާގެ ޙައްޖު މިނިސްޓަރު ޑރ ތައުފީޤު ރަބީޢާއާއި އިންޓީރިއާ މިނިސްޓަރ ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޢަބްދުލްއަަޒީޒް ބިން ސުޢޫދު އާލްސަޢޫދަށާއި ރާއްޖޭގައި ހުންނަ ސަޢޫދީ އަރަބިއްޔާގެ އެމްބަސީއަށާއި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއަށް ޝަހީމް ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.
ސަޢޫދީ އަރަބިއްޔާއިން މި ފުރުޞަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނަ ޤައުމުތަކަށެވެ. ރާއްޖެއަށް މި ފުރުޞަތު ލިބިގެން ދިޔުމަކީ ސައޫދީ އަރަބިއްޔާ އިން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެކެވެ.




