މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވާ ފަދައިން، އޭޕްރިލް މަހުގެ ބިލުންވެސް ވާނީ ޑިސްކައުންޓު ދީފައި ކަމަށް، އަތޮޅުތެރޭގެ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިން މިއަދު ބުނެފިއެވެ.
ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ނަމަވެސް އެ މަހުގެ ކަރަންޓު ބިލުގެ އަދަދާއި، އޭޕްރިލް މަހުގެ ބިލުގެ އަދަދު ގިނަ ގޭބިސީތަކަށް އެއްވަރުވެފައިވުމުން މާލެއާއި އަތޮޅުތެރޭގެ ބައެއް ރައްޔިތުންވެސް އެކަމާ ގުޅޭގޮތުން ވަނީ ސޯޝަލް މީޑިއާގައި ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައްޔިތުންގެ އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ މާރިޗް މަހުގެ (ރަމަޟާން މަހުގެ) ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އޭޕްރިލް މަހުގެ ކަރަންޓު ބިލުންވެސް ވާނީ ޑިސްކައުންޓު ދީފައި ކަމަށެވެ.
އެގޮތުން މާރިޗް މަހުގެ ބިލާއި އެއްފަދައިން، އޭޕްރިލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވަނީ އޭޕްރިލް މަހަކީ ހޫނުގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލު ވަރަށް ބޮޑުވާ މަހަކަށްވުމުން، ރައްޔިތުންނަށް އިތުރަށް ލުޔެއް ދިނުމަށް ކަމަށެވެ.
އެެހެންކަމުން އޭޕްރިލް މަހުގެ ކަރަންޓު ބިލު ރައްޔިތުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ ”ކަރަންޓު ބޭނުން ކުރެވުނު ވަރު“ އޭގެ ކުރީ މަހާއި ތަފާތުވީ ނަމަވެސް ބައެއް ބިލުތަކުގައި ބިލުގެ ފައިސާގެ އަދަދު، ރަމަޟާން މަހުގެ ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މިހެންވެ ކަމުގައި، ފެނަކަ އިން ބުނެފައިވެއެވެ.


