މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ ކަމަށްބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ވޭސްޓު މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯ އިން މިހެން ބުނެފައި މިވަނީ އެ ކޯޕަރޭޝަނުގެ މުވައްޒަފުންގެ 8 މަސްދުވަހުގެ ޕެންޝަން ފައިސާ ނުދައްކާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައެވެ.
އެ ކޯޕަރޭޝަނުން ނެރުުނު ބަޔާނުގައި ބުނީ މިއަދާހަމައަށްވެސް އެ ކޯޕަރޭޝަނުން އަންނަނީ މުވައްޒަފުންގެ ޕެންޝަނަށް ޖަމާކުރަންޖެހޭ ފައިސާ ދައްކަމުން ކަމަށެވެ.
ޕެންޝަން އޮފީހާއި އެ ކޯޕަރޭޝަނާއި ވާހަކަ ދައްކައިގެން ޖެހިފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.
ވެމްކޯގެ މާލީ ހާލަތަށް ބަލައި އެ ކުންފުނީގެ ހަރަދުތަކާއި މުވައްޒަފުންގެ މުސާރަ ހަމަަޖައްސަނީ ކުންފުންޏަށް ލިބޭ އާމްދަނީއިން ކަމަށާއި ނަމަވެސް ގިނަ ތަންތަނުން ލިބެން ޖެހޭ ފައިސާ ނުލިބޭއިރު މާލޭ ސިޓީ ކައުންސިލުން އެކަނިވެސް 66 މިލިއަނެއްހާވަރު ރުފިޔާ ނުލިބި އެބައޮތް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެެއެވެ.
އެހެންކަމުން މިވަގުތު މުވައްޒަފުންގެ މުސާރައާއި ޕެންޝަން ފައިސާގެ ކަންކަމާއި ގުޅިގެން ޕެންޝަން އޮފީހާއި ވާހަކަދައްކައިގެން ފަސޭހަ އިންތިޒާމެއްގެ ތެރެއިން ފައިސާ ދައްކާ ހަލާސްކުރެވޭނެ ގޮތަށް މިހާރު އެއްބަސްވެފައިވާކަމަށް ވެމްކޯ އިން ބުނެފައި ވެއެވެ.
މިގޮތުން އެއްވެސް މުވައްޒަފެއްގެ ޕެންޝަން ހައްގަށް އުނިކަން ނާންނަގޮތަށް ފައިސާ ދެއްކޭނެ ގޮތަށް ކަންކަން ރޭވިފައިވާ ކަމަށާއި މުވައްޒަފުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭނެހެން މަޢުލޫމާތު ނުފެތުރުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.


