’ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް‘ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
’ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް‘ ގެ ނަމުގައި 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ސަމިޓު ނިންމާފައި ވަނީ މިރެއެވެ.
ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ.
މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ.
އެގޮތުން މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢެކެވެ.
މޯލްޑިވްސް 2.0 ގައި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ، ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައިޑީގެ ޒަރީޢާއިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުޢާމަލާތްތަކަށް މަގުފަހިކުރުން ހިމެނެއެވެ.
ހަމައެހެންމެ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޒާތީ މަޢުލޫމާތާއި ޑޭޓާ، ރައްކާތެރި ކަމާއެކު އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް، ވަގުތުން ވަގުތަށް ފޮނުވޭނެ، ޑޭޓާ އެކްސްޗޭންޖް ލޭޔަރެއް ޤާއިމުކުރުން ހިމެނެއެވެ.
އަދި ދައުލަތުގެ މުއައްސަސާތަކުގެ ހައްސާސް މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓާ އާރކައިވް ކުރުމަށް ސޮވަރިން ކްލައުޑް ޤާއިމުކުރުމާއި، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމުގައި ސިޓިޒެން-ސެންޓްރިކްކޮށް، ވީހާވެސް ބޮޑަކަށް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިކުރުން ހިމެނެއެވެ.
މީގެ އިތުރުން ޑިޖިޓަލް ރޮގުން މުސްތަޤްބަލަށް ފައްކާވެފައިވާ ޖީލެއް ބިނާކުރުމާއި، އަދި އައި.ސީ.ޓީ ސެކްޓަރގައި ދިވެހިންނާއި ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމާއި ގުޅޭގޮތުން މުހިއްމު ނިންމުންތަކެއް ވަނީ އެ ސަމިޓުގައި ނިންމާފައެވެ.
މި ރޭގެ ރަސްމިއްޔާތުގައި މި ސަމިޓުން ހާސިލުކުރެވުނު ނަތީޖާތަކުގެ މައްޗަށް ޕްރެޒެންޓޭޝަނެއް ހުށައެޅުއްވުމުގެ އިތުރުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން ވަނީ ޤައުމީ ޑިޖިޓަލް އިޤުރާރު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.
މި އިޤުރާރު އެ މަނިކުފާނަށް އަރުވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ، އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާންގެ އިތުރުން މި ސަމިޓްގެ ހުރިހާ ސެޝަންތަކެއްގެ ސްޕީކަރުންނާއި މޮޑެރޭޓަރުނާއި ޕެނަލިސްޓުން އަދި އެސްޓޯނިއާ ސަރުކާރުގެ މާހިރުންގެ އިތުރުން އައި.ސީ.ޓީ ކޮމިޓީގެ މެންބަރުންގެ ހާޒިރުގައެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، ވަޒީރުންގެ އިތުރުން ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެސްޓޯނިއާ ސަރުކާރުގެ މާހިރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.



