މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް، އާއިޝަތު އަސްނާ ހަމްދީ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މިދިޔަ މާޗު މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޑެޕިޔުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަނު ކުރަން ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އަސްނާގެ ނަން ފޮނުއްވާފައި ވަނީ މާރިޗު މަހުގެ 30 ވަނަ ދުވަހުއެވެ.
އެގޮތުން އެ މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީން މި މަހުގެ 7 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ އަސްނާއާ އިންޓަވިއުކޮށްފައެވެ.
އަދި އެ ބައްދަލުވުމުގައި އަސްނާއަށް މަޖިލީހުން ރުހުންދޭން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ އިއްތިފާގުން ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަން ކުރަން ފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ.
އެމްއެމްއޭގައި ޚިދުމަތްކުރައްވާތާ 17 އަހަރުވެފައި އަސްނާ ވަނީ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެމްއެމްއޭގެ ސީނިއާ މެނޭޖަރެއްގެ މަގާމުވެސް އަދާކުރައްވާފައެވެ.




