ރާއްޖެއިން ހައްޖަށްދާ މީހުންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 2،000 ޑޮލަރަށް ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ބީއެމްއެލްގައި އެދިވަޑައިގެންފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި އަހަރު ހައްޖަށް ދާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ހައްޖު ވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،750 އެމެރިކާ ޑޮލަރު ހަމަޖައްސައި ދިނުމަށް ބޭންކްގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
”ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ބީއެމްއެލް އިން މިހާރު ދޫކޮށްފައިވާ ޑޮލަރު ލިމިޓަކީ 250 ޑޮލަރެވެ.
ނަމަވެސް ހައްޖުވެރިންނަށް އިތުރު 1،750 ޑޮލަރު އިތުރު ކުރުމަށް ބީއެމްއެލްގައި ރައީސް އެދިވަޑައިގެންފައި ވާތީ ޑެބިޓް ކާޑުގެ ލިމިޓް 2،000 ޑޮލަރަށް ބޮޑުވާނެއެވެ.



