ގދ. ނަޑެއްލާއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.
ފުލުހުން ދެންމެ ބުނީ ގދ. ނަޑެއްލާއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ ހދ. ނޮޅިވަރަމް / ސުހާނީ، އުމުރުން 34 އަހަރުގެ އާދަމް އިބްރާހިމް ފެނިފައިވާ ކަމަށެވެ.
އެގޮތުން އޭނާ ފެނިފައި ވަނީ މިއަދު 16:45 ހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އަދި އެމީހާގެ ހާލު ރަނގަޅުކަމަށް ފުލުުހުން ބުނެފައި ވެއެވެ.
އެ މީހާ ފެނިފައި ވަނީ ފުލުހުންނާއި ނަޑެއްލާގެ ރައްޔިތުންގެ ޓީމަކަށް ކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނީ ކޯސްޓްގާރޑުން ވެސް އެ މީހާ ހޯދުމުގެ މަސައްކަތުގައި މިއަދު ހެނދުނުން ފެށިގެން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މިގޮތުން އޭނާ ހޯދުމުގެ ގޮތުން ނަޑެއްލާ ފަޅު ތެރެއިން 10 ފަޅުރަށް ބަލާފައިވާ ކަމަށާއި ނަޑެއްލާގެ އެކި ސަރަހައްދުތައްވެސް ބަލާފާސް ކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން އާދަމް އިބްރާހީމް ގެއްލިފައިވާ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން ކަމަށް ބުނެފައި ވެއެވެ.
ފުލުހުން މިއަދު ހެނދުނު ބުނީ ”އިތުބާރު“ ނަމަކަށް ކިޔާ ދޯންޏަކުން އިއްޔެ މެންދުރުފަހު 14:00 ހާއިރު ނަޑެއްލާއަށް ފޭބުމަށްފަހު، އަނބުރާ އެ ދޯންޏަށް އާދަމް އިބްރާހިމް އައިސްފައިނުވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 22:25 ހާއިރު ކަމަށެވެ.
މި މައުލޫމާތު ފުލުހުންނަށް ލިބުމަށްފަހު، ފުލުހުންގެ ޓީމެއް ނަޑައްލާއަށް ގޮސް، ރަށުތެރެއާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވާ ކަމަށާއި މިއަދުވެސް އޭނާ ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ހެނދުނު ބުނެފައި ވެއެވެ.




