މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ގަލޮޅު ސިލްވަރުގެއާގެ، ޢާއިޝަތު އަސްނާ ޙަމްދީ، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
އަސްނާ މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ޤާނޫނު 1981) ގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
2014 ވަނަ އަހަރު އަސްނާ ވަނީ ޔުނިވަރސިޓީ އޮފް ނޮޓިންގްހަމުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފައިނޭންސްގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ޙާޞިލުކުރައްވާފައެވެ.
މީގެ އިތުރުން، 2007 ވަނަ އަހަރު ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުން ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އޮނަރސް)، 2005 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް އިން އެޑްވާންސްޑް ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، އަދި 2001 އިން 2003 އަށް، އިނިގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން، ޑިޕްލޯމާ އެންޑް ސެޓިފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާސިލުކުރައްވާފައިވެއެވެ.
އެމްއެމްއޭގައި ޚިދުމަތްކުރައްވާތާ 17 އަހަރުވެފައި އަސްނާ ވަނީ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެމްއެމްއޭގެ ސީނިއާ މެނޭޖަރެއްގެ މަގާމުވެސް އަދާކުރައްވާފައެވެ.




