މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަހީދު މަޤާމުން ދުރުކޮށް ބަންދުކޮށްފައި ވަނީ ފްރޭމްކޮށްގެން ކަމަށް ބުނާ ވާހަކަތައް ހޯމް މިނިސްޓަރު އަލީ އިހްސާން ދޮގު ކުރައްވައިފިއެވެ.
އިހްސާން އެކަން ދޮގު ކުރައްވާފައި ވަނީ މިރޭ ކުރިއަށްގެންދާ 5 ވަނަ އަހާ ފޯރަމްގައި އެ މަނިކުފާާނާއި އަމާޒުކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން މަޤާމުން ދުރުކޮށް ހައްޔަރުކޮށް ބަންދުކުރުމުގައި އޭނާގެ އާއިލާއާއި ބައެއް އާންމުންވެސް މިނިސްޓަރު އިހްސާނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގައި ޝަމްޢާން ފްރޭމް ކުރެއްވިންތޯ މިނިސްޓަރާ ވަނީ ސުވާލުކުރައްވާފައެވެ.
އެއަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ޝަމްޢާން ފްރޭމްކޮށްފައި ނުވާނެ ކަމަށެވެ. ޝަމްޢާން ފްރޭމް ކުރާ ކަމުގައި ވަނީ ނަމަ ކުރާނީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރެއްގެ ފޮޓޯ ފްރޭމެއްގެ ގޮތުގައި އެކަނި ކަމަށެވެ.
”ދިވެހި އެއްވެސް ރައްޔިތަކު ފްރޭމެެއް މި ސަރުކާރަކުންވެސް މި ސަރުކާރު ދެމިއޮތްހާ ދުވަަހަކުވެސް އެއްވެސް އިދާރާއަކުންވެސް ނުކުރާނެ“ މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް އެއްވެސް ދިވެހި ރައްޔިތަކު ތަފާތު ނުކުރާނެ ކަމަށާއި ވަކި މީހަކަށް އިސްތިސްނާ ނުވާގޮތަށް މި ސަރުކާރުން ޤާނޫނު ތަންފީޒު ކުރާނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
އެ ޤާނޫނުތައް ތަންފީޒު ކުރަމުންދާއިރު ޚާއްސަ ނަޒަރަކުން ޔުނީފޯމު އެޅި މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންނަށް ބަލާނެ ކަމަށާއި އެ މީހުން ޚާއްސަ މިންގަނޑަކަށް ހިފަހައްޓާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަބަބަކީ ދައުލަތާއި ރައްޔިތުން ވަކިގޮތަކަށް އިތުބާރުކޮށްފައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ބާރާއި އިހްތިޔާރުތަކެއް ދީފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޚާއްސަކޮށް ޝަމްޢާން އަކީ އެ މަނިކުފާނުގެ ދަށުން މިހާތަަނަށް މަސައްކަތްކުރެއްވި ފަރާތްތަކުގެ ތެރެއިން މަސައްކަތަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށެވެ.
އަދި މަސައްކަތުގެ މާހައުލުގައި ބުނާ ކަންކަން ވަރަށް ރަނގަޅަށް ކުރި ބޭފުޅެއް ކަަމަށާއި ނަމަވެސް ކިތަންމެ ރަނގަޅަށް މަސައްކަތްކުރި ނަމަވެސް ޤާނޫނީގޮތުން އަޅަންޖެހިއްޖެ ފިޔަވަޅެއް އެ މީހަކާއި މެދު އަޅާނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
މީގެ ކުރިންވެސް މިނިސްޓަރު އިހްސާން ވިދާޅުވީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްޢާން އާއި މަސައްކަތުގެ މާހައުލުގައި ގުޅުން ވަރަށް ރަނގަޅު ކަމަށާއި ސިޔާސަތުތައް ތަންފީޒު ކުރުމުގައި މަސައްކަތް ކުރީ އެއްކޮށް ވަރަށް ރަނގަޅަށް ކަމަށެވެ.
ބިދޭސީންތަކެއްގެ އަތުން ރިޝްވަތު ނެގިކަމުގެ ތުހުމަތުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްޢާން ވަކިކޮށް، މާރިޗު މަހުގެ 21ގައި ވަނީ ހައްޔަރުކޮށްފައެވެ. ފުރަތަމަ 15 ދުވަހަށް އޭނާ ބަންދުކުރުމަށް ފަހު، އެ މުއްދަތު ހަމަވުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ.




