ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އަލަށް ތަރައްޤީކުރަމުންދާ ރަންފަރު ރޯސްވުޑް މޯލްޑިވްސް ރިސޯޓުގައި 1.4 މިލިއަން ގަސް އިންދަން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މައިގަނޑު ތިމާވެށީގެ 1 ވަޢުދު ކަމުގައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ތިމާވެށްޓާ ބެހޭ މިނިސްޓަރ ތާރިޤް އިބްރާހިމް މިއަދު ރޯޒްވުޑް ރަންފަރު ރިސޯޓުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފައްޓަވައި ދެއްވާފައިވާ ކަމަށެވެ.
މި ދަތުރުފުޅަކީ އަލަށް ތަރައްޤީ ކުރެވެމުންދާ ރޯޒްވުޑް ރަންފަރު ރިސޯޓުގެ ދަޢުވަތަކަށް އެ މަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުގައި ރިސޯޓުގެ ފަރާތުން އެ ރިސޯޓުގައި 1.4 މިލިއަން ގަސް އިންދުމަށް އެއްބަސްވެފައިވާ ލިއުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ތާރިޤް ވިދާޅުވީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 5.2 މިލިއަން ގަސް އިންދުމަށް އެއްބަސްވުން ލިބިފައިވާ ކަމަށެވެ.
ހަމައެހެންމެ މި އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅުވައި ސްރީލަންކާ ސަރުކާރުން ހަދިޔާ ކުރައްވާފައިވާ ހައިވަކަރު ގަސް މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓަކަށް ހަދިޔާ ކުރައްވަން ނިންމަވާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެށީގެ ދުވަހުގެ ގަސް އިންދުމުގެ ޙަރަކާތްތައް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ތާރިޤް އިތުރަށް ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީއެއް އެޅުމަށް ނިންމާ މިހާރު ޑިޒައިން ކުރުމުގެ މަރުހަލާ ނިމިފައިވާކަމަށެވެ.
މި ނާސަރީގައި ލެބޯޓެރީއަކާއި، ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ހިންގުމުގެ ކޮޓަރިތަކާއި ގްރީންހައުސްއެއް ހިމެނޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ނާސަރީ ވެގެން ދާނީ ދިވެހިރާއްޖޭގެ މާޙައުލާއި ގުޅޭ ގަސް 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އާލާ ކުރެވި އިންދުމަށް ރޯ ކުރެވިގެންދާނެ ނާސަރީއަކަށެވެ.



