އިމިގްރޭޝަންގެ އޮފިސާ ޓްރެއިނީސްގެ މަގާމަށް 50 މީހުން ހޯދަން އިއުލާނުކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ 50 އިމިގްރޭޝަން އޮފިސަރ ޓްރެއިނީން ހޮވުމަށް ވޯކް-އިން އިންޓަވިއު މެދުވެރިކޮށް ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި ވަޒީފާއަށް ކުރިމަތިލެވޭނީ އުމުރުން 40 އަހަރުން ދަށުގެ މީހުންނަށް ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މި ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ (ސެކަންޑަރީ) ނުވަތަ އެއާ އެއްވަރުގެ އިމްތިހާނަކުން ދެ މާއްދާއިން މަދުވެގެން ”ޑީ“ ގްރޭޑް ހާސިލްކޮށްފައިވުމާއި ސެކަންޑަރީ ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓަކުން މަދުވެގެން ދިވެހި ބަހުން ”ސީ“ ގްރޭޑެއް ހާސިލްކޮށްފައިވުން ހިމެނެއެވެ.
ނުވަތަ އެމްއެންކިޔުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން ހިމެނޭ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ބުނީ މި އިންޓަވިއު ބާއްވާ ތަނާއި ތާރީހު ވަރަށް އަވަހަށް އެ އިދާރާއިން ހާމަ ކުރާނެ ކަމަށެވެ.
މީގެ އިތުރުން މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ދުރާލާ ތައްޔާރުވެ، މިކަމުގެ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ ޗެނަލްތައް ފޮލޯކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.




