ރާއްޖޭން ބޭރުން ބުޅާ އެތެރެކޮށް ވިއްސުން ހުއްޓުވައި ޕެޓްގެ ގޮތުގައި އެތެރެކުރާ ބުޅާތައް ނިއުޓާކުރުން ލާޒިމުކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ބުޅާ އެތެރެކޮށް ވިއްސަން ހުއްދަ ދިނުން ހުއްޓުވަން ޖެހޭކަމަށެވެ.
އަދި ޕެޓްގެ ގޮތުގައި އެތެރެކުރާ ބުޅާ ނިއުޓްރަލް ކުރުމަށް ލާޒިމުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މިކަން ކުރެވޭނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ޖަނާވާރު ގެންގުޅުމާއި ޖަނަވާރުގެ ދުޅަހެޔޮކަމާއި ބެހޭ ބިލް ފާސްކޮށް އަމަލުކުރަން ފެށިގެން“ މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މިނިސްޓަރު ވަނީ އެނިމަލް ވެލްފެއާ މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ތަރައްޤީ ކުރި އޮޅުހިޔާ އާއި ހަވާލުވިިއިރު ތަނުގެ ހާލަތު ހުރީ ބުޅާތައް ގެންދެވޭނެ ގޮތަކަށް ނޫން ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ހަވާލުވެ 16 ގަޑިިއިރުގެ ތެރޭގައި އެ މިނިސްޓްރީގެ ހީވާގި މުވައްޒަފުންގެ އެހީތެރިކަމާއެކު ބުޅާތައް ގެންދަން ފެށުނުކަން މިނިސްޓަރުު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ބުޅާ ފެސިލިޓީއަށް ދުވާލަކު ކިހާ ފައިސާއެއް ހޭދަވޭތޯ އާއި ފުލް އޮކިއުޕެންސީގައި ތަން ހިންގާއިރު ދުވާލަކަށް ހޭދަވާނެ އަދަދާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ ބުޅާ ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ ކަމަށާއި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ ކަމަށް މަޖިލީހުގައި މިއަދު ވިދާޅުވެފައެވެ.



