ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުށިދިއްގަރުފަޅުގައި ފެށުމަށް ސަރުކާރުން ނިންމާފައިވާ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓެއް ލާމު އަތޮޅުގައި ފަށަން ނިންމައިފިއެވެ.
ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދެއް ގާއިމްކުރުމަށް ނިންމާފައި ވަނީ 100 ހެކްޓަރުގެ ބިމެއް ހިއްކައިގެންނެވެ.
ދަނޑުވެރިކަމުގެ އެ މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓެއް ލާމު އަތޮޅުގައި ފަށަން ނިންމާފައިވާކަން ހާމަކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތައް ޖަވާބު ދެއްވަމުން މިނިސްޓަރ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. މަރިޔަމް މާރިޔާއެވެ.
މިނިސްޓަރު ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ސަރުކާރުން ނިންމާފައި ވަނީ ފުށިދިއްގަރުފަޅުގައި ކަމަށާއި މި މަޝްރޫޢުއަށް ބޭނުންވާ ބިން ހިއްކުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ.
”އެހެން ނަމަވެސް އެ މުއްދަތުގައިވެސް މި މަޝްރޫޢާ ގުޅޭ އިތުރު މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި“ މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން މި މަޝްރޫޢުގެ ޕައިލެޓު ޕްރޮޖެޓެއް ލާމު އަތޮޅުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ޑރ. މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ފެށުމަށް ލާމު އަތޮޅުގައި މިހާރު ބިމެއް ކަނޑައަޅައި މި އެ ބިމުގަ ހައްދާނީ ކޮން ބާވަތެއްގެ އެއްޗެއްތޯ ބަލަމުން އަންނަ ކަމަށެވެ.
އަދި ހައްދާނެ ބާވަތެއް މި މަހު ފަހުކޮޅުގައި ޕްލޭންކޮށް މި އަންނަ މަހު އެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



