ކުއްޖެއްގެ ބޮލުގައި ޓީޗަރަކު ޖެހި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ”ސައުވީސް“ އަށް މަޢުލޫމާތު ދެމުން ވިދާޅުވީ އައްޑޫ ސިޓީގައި ހުންނަ ސްކޫލެއްގެ ޓީޗަރަކު އެ ސްކޫލްގެ ދަރިވަރެއްގެ ގައިގައި ޖެހި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އެނގިފައިވާ ގޮތުގައި އެ ދަރިވަރުގެ ބޮލުގައި ޓީޗަރު ޖެހީ ޑެސްކުމަތީގައި ބޯ އަޅައިގެން އޮއްވާ ފެން އަޅަން ގެންގުޅޭ ދަގަނޑު ފުޅިއަކުންނެވެ.



