ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ގެނައި އިސްލާހާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ ޑަބްލިޔުއެޗްއޯއިން މަރުހަބާ ދަންނަވައިފިއެވެ.
އެ ޖަމިއްޔާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ފިޔަވަޅު އަޅާފައި ވާތީ ރާއްޖެއަށް މަރުހަބާ ކިޔައިފައެވެ.
އަދި ޖީލަަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން އަޅާފައި ވަނީ ހިތްވަރުގަދަ ފިޔަވަޅެއް ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.
2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ނުވަތަ އޭގެ ފަހުން އުފަންވާ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކުރުމަށް ނިންމި މުހިންމު ނިންމުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމުގެ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.
އަދި މިއީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރުކަމަށްވެސް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައެވެ.
މިގޮތުން މިއީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުޅަހެޔޮ މުސްތަގުބަލަކަށް ސަރަހައްދީގޮތުން ކުރަމުން އަންނަ މަސައްކަތަށް އެޅުނު ބާރެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.


