ދަތިކަމުގައިވެސް ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެ ކަމަނާގެ ’އެކްސް‘ އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
މެޑަމް ސާޖިދާ ކުރެއެްވި ޕޯސްޓުގައި ވިދާޅުވީ އުފަލާއި ހިތާމައިގާ، ފަހިކަމާއި ދަތިކަމުގައިވެސް، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.
”ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތް“ އެ ކަމަނާގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މެޑަމް ސާޖިދާގެ ޕޯސްޓުގައި ވަނީ ދިވެހި ޢާއިލާތަކަށް ބަދަހިކަމާއި ހަމަޖެހުން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުން، މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ މަރްޙަބާއާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.




