ލޯންޗަކުން ގއ. ގެމަނަފުއްޓަށް ޑްރަގު އެތެރެކުރަން އުޅުނު ކެޕްޓަންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ ލޯންޗު ދުއްވި ގއ. ގެމަނަފުށި / ބަނަފުސާގެ، ޙަސަން ޝުޖާއު (45އ) އަށެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ގެމަނަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މެއި މަހުގެ 14 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނެއްގައެވެ.
އެގޮތުން ގެމަނަފުށި ބަނދަރާ ލޯންޗު ގާތްކުރުމުން އެ ލޯންޗު ބަލައި ފާސްކުރިއިރު ލޯންޗުގައިހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓުތަކެއް ވަނީ ފެނިފައެވެ.
ފުލުހުން ބުނީ އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 28 ގުރާމު ކަމަށެވެ.
އެހެންކަމުން މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.




