ލޯކަލް ކައުންސިލްތަކުގެ %40 އަންހެނުންނަށް ޚާއްސަކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ލޯކަލް ކައުންސިލްތަކުން މިހާރު އަންހެނުންނަށް ޚާއްސަކޮށްފައި ވަނީ ކައުންސިލްތަކުގެ %33 ގޮނޑި ކަމަށެވެ.
”%33 ކައުންސިލަރުންނަށް ވާން ޖެހޭނެ ކަމަށް މިހާރު އޮންނަނީ. އަޅުގަނޑުމެން އެ އަދަދު %40 އަށް އިތުރުކުރަން ވަނީ ނިންމާފައި“ ރައީސް ވިދާޅުވި އެވެ.
އަދި މި ބަދަލު ގެންނަން ނިންމާފައި ވަނީ އަންހެނުން ބާރުވެރިކުރުމަށް އޮންނަ ފުރުސަތު އިތުރުކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރެވޭ މިންވަރަށްވެސް ބަދަލުތަކެއް ގެނައުމުގެ ވިސްނުންފުޅުވެސް ޙިއްޞާކުރައްވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި 2000 އަށްވުރެ މަދު އާބާދީތަކަށް 3 މެމްބަރުން އަދި 2000 އަށްވުރެ ބޮޑު އާބާދީތަކަށް 5 މެމްބަރުން އައްޔަން ކުރާ ގޮތަށް ބަދަލު ކުރުމާއިއެކު އަތޮޅު ކައުންސިލްތައް އުވާލުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ކައުންސިލްތަކަށް ދޫކުރެވޭ ފައިސާ ޚަރަދުކުރެވެނީ ރައްޔިތުންގެ ލާބައާއި މަންފާއަށްކަން ކަށަވަރުކުރުމަށް ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަގޮތަށް، ފައިސާގެ ޚަރަދުތައް ބެލޭނެ ގޮތަށް ހައްދަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ ޚިޔާލު ހޯއްދަވަމުން ގެންދަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކަށްވެސް އަހާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.



