ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން އެވެ.
މި ބިލު ފާސްވެފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓާއެކުއެވެ.
މީގެ އިތުރުން ވަކިގޮތަކަށް ވޯޓުދޭން ބޭނުންވާކަމަށް 11 މެންބަރަކު ވަނީ ވޯޓުދެއްވާފައެވެ.
ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލުގައިވާގޮތުން، އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފައްދައިފިނަމަ 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އަދި 200،000 ރުފިޔާއާ 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލުގައި ވަނީ ބުނެފައެވެ.
އެފަދަ ކުށެއް ކުރަން އުޅެފިނަމަ ނުވަތަ އެހީތެރިވެއްޖެނަމަ 18 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ހަމަ މިއާއެކު100،000 ރުފިޔާ އާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެ ބިލުގައި ވަނީ ބުނެފައެވެ.
ހަމައެހެންމެ އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީވެސް މި ބިލުގެ ދަށުން ކުށެކެވެ. އެ ކުށަށް އަރައިގެންފި މީހަކު، އެ ކުށުގެ ސަބަބުން ކުޑަކުއްޖަކު ޝިކާރައަކަށްވެއްޖެނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާ 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.



