ދިވެހިރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ރާއްޖެ ވަޑައިގެންނެވީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމުގެ މަސައްކަތުގެ އެޑްވާންސް ޓީމު ކަަމަށެވެ.
މިވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ވަފުދުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ ބޭފުޅުންނާއި، ސަޢުދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސަޢުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާގުޅުންހުރި މުޢައްްސަސާތައް ހިމެނޭ ކަމަށެވެ.
އެގޮތުން މި ވަފުދުން މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ތަންފީޒު ކުރެއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފެެށުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަހު ކަމަަށެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާނީ މި މަހުގެ 26 ވަނަ ދުވަހުއެެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގެ މަސައްކަތްތަކަށް ސަޢުދީ ޢަރަބިއްޔާއިން 26 ބޭފުޅުން ރާއްޖެވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމެވުމުން، ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ރަމްޒުކޮށްދެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެކެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ޙައްކުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.


