އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ)އަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު އަދި ހައި ކޮމިޝަނަރު އިރުތިޝާމް އާދަމްގެ ސަފީރުކަމުގެ ފަތްކޮޅު އައިއެމްއޯގެ ސެކެޓްރީ ޖެނެރަލް އާސެނިއޯ އެންޓޯނިއޯ ޑޮމިންގުއެޒް ވެލަސްކޯއަށް މިއަދު އަރުވައިފިއެވެ.
މިކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައި ވަނީ އައިއެމްއޯގެ މައި އޮފީހުގައެވެ.
އެ ރަސްމިއްޔާތެއްގައި ކޮމިޝަނަރު އިރުތިޝާމް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަލާމާއި ތަހުނިޔާ އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލަށް ދަންނަވާފައެވެ.
އިރުތިޝާމް ވަނީ އެ ޖަމިއްޔާއާއެކު ގުޅުން ބަދަހިކުރުމަށާއި އެ ޖަމްޢިއްޔާގެ އިސްނެގުންތަކުގައި ޢަމަލީގޮތުން ބައިވެރިވެ، ކަނޑުގެ ދާއިރާއިން ގައުމީ ގާބިލުކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ވަނީ ހައި ކޮމިޝަނަރު އިރުތިޝާމްއަށް އާ މަގާމަށް މަރުޙަބާ ކިޔައި، ދެފަރާތުގެ މަސްލަޙަތު ހިމެނޭ އެކި ދާއިރާތަކުން ރާއްޖެއަށް އެ ޖަމިއްޔާގެ އެހީތެރިކަން ލިބޭނެކަން ޔަގީންކޮށްދީފައެވެ.
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން(އައިއެމްއޯ) އަކީ 17 މާޗު 1948 ގައި އުފެދުނު، އދ.ގެ ހާއްސަ އޭޖެންސީއެކެވެ. މި ޖަމިއްޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމާއި އުޅަނދުފަހަރުން ކަނޑާއި ޖައްވަށް ކުރާ ތަޣައްޔަރުކަން ހުއްޓުވުން ހިމެނެއެވެ.
މިހާރު އެ ޖަމިއްޔާގައި ރާއްޖެ ހިމެނޭހެން 174 މެމްބަރު ޤައުމާއި 3 އެސޯސިއޭޓް މެމްބަރުން ހިމެނެއެވެ.



