ސަރުކާރާއި ރައްޔިތުން ހިއްސާވާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އާންމު ޖަލްސާ ރޭގައި ބާއްވާ، އެ ކުންފުނީގެ ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ބަހަން ފާސްވުމާއެކު، ހިއްސާދާރުންގެ އެކައުންޓަށް ވަގުތުން ވަގުތަށް ހިއްސާގެ ފައިސާ ޖަމާކޮށްދީފިއެވެ.
ރޭގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުން ފާސްކުރީ އެސްޓީއޯގެ ހިއްސާއަކަށް 80ރ. ބެހުމަށެވެ.
އެސްޓީއޯގެ ޑައިރެކްތަރުންނާ ސުވާލު ކުރުމަށް އޮތް ފުރުސަތުގައި ހިއްސާދާރަކު ވަނީ، ހިއްސާގެ ފައިދާ ޖަމާވެފައިވާކަން ފާހަގަ ކޮށްފައެވެ. އެގޮތުން އޭނާ ބުނީ މިއީ ލިސްޓެޑް އެއްވެސް ކުންފުންޏަކުން މީގެ ކުރިން ކުރި ކަމެއް ނޫން ކަމަށާއި މިއާއެކު އެހެން ކުންފުނިތަކުން ނަމޫނާ އަކަށް ބަލަންވީ ކުންފުންޏަށް އެސްޓީއޯ ވެފައިވާ ކަމަށެވެ. އަދި އެސްޓީއޯ އިން ހިއްސާދާރުންނާއެކު ބާއްވާ ޚާއްސަ ގުޅުން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
”އެސްޓީއޯ އިން މި (ދެއްކީ ނަމޫނާއެއް) އެހެން ކުންފުނިތަކަށް ވަރަށް ރަނގަޅު ނަމޫނާއެއް. މި މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން،“ އޭނާ ބުންޏެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނީ 15.4 ބިލިއަން ރުފިޔާ ގެ އާމްދަނީ އެކެވެ. ސާފު ފައިދާގެ ގޮތުގައި 741 މިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ 2023 ވަނަ އަހަރު ލިބުނު ފައިދާ އަށް ވުރެ %6 ދަށް އަދަދެކެވެ



