ކާޑެއްދޫ އެއާޕޯޓަށް ކުރިމަތިވެފައިވާ ހުވަނީގެ މައްސަލަ ހައްލުކުރަން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ފަންނީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ކާޑެއްދޫ އެއާޕޯޓްގައި ހުވަނި ގިނަވެ، އެކަމުގެ ކަންބޮޑުވުންތައް ސަމާލުކަމަށް އައުމާއިއެކު، އެ މިނިސްޓްރީން ވަނީ ހުވަނި ކޮންޓުރޯލް ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.
”ކާޑެއްދޫ އެއާޕޯޓުގައި ހުވަނި ގިނަވެ، އެކަން ކޮންޓްރޯލުކުރުމަށް އެހީއަށް އެދި އެ އެއާޕޯޓުން ސިޓީއެއް ނުވަތަ މެއިލްއެއްވެސް އައިސްފައެއް ނުވޭ“ އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި އެ ކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލްމީޑިއާގެ ޒަރީއާއިން ކަމަށް ބުނެފައި ވެއެވެ.
އެގޮތުން އެ މައްސަލަ އެގްރިކަލްޗާ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއިއެކު ކަމާއިގުޅުންހުރި އިދާރާއިން އެ އެއާޕޯޓަށް ގުޅައި، އެތަނުގައި މީގެކުރިން އެކޮޅުން ޢަމަލުކޮށްފައިވާގޮތް ބަލަައި، އިތުރަށް ކުރެވިދާނެ ކަންކަމާއިގުޅޭގޮތުގެ މައުލޫމާތު ދީފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ހަމައެހެންމެ ހުވަނި ކޮންޓްރޯލްކުރުމާއި ބެހޭ ފަންނީ މަޢުލޫމާތު ކަރުދާސް އެ އެއާޕޯޓަށް މެއިލްކޮށްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ހާމަކުރެއެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ މީހުން ދިރިއުޅޭރަށްތަކުގައި ހުވަނި ކޮންޓްރޯލް ކުރުމަކީ ރަށުކައުންސިލްގެ ޒިންމާއެއް ކަމަށާއި އެހެންނަމަވެސް އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެ މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށެވެ.
ހަމަ އެފަދައިން ސިނާއި މަސައްކަތްކުރާ ރަށްތަކުގައިވެސް ހުވަނި ކޮންޓްރޯލްކުރުމަށް އެ އެ ރަށެއް މެނޭޖްކުރާ ފަރާތްތަކުން ދުރާލާ ތައްޔާރުވުން މުހިންމު ކަމަށާއި އެ ފަރާތްތަކަށްވެސް ބޭނުންވާ ފަންނީ އެހީތެރިކަން އެ މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށް ބުނެފައި ވެއެވެ.



