ޓެލެގްރާމް އެކައުންޓްތައް ކޮމްޕްރޮމައިޒް ވާތީ އެކަމަށް ސަމާލުވާން ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިއްޖެއެވެ.
އެ ސެންޓަރުން ވަނީ ޓެލެގްރާމް މެދުވެރިކޮށް ސްކޭމަރުން ޔޫސަރުންގެ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަން ފާހަގަކޮށްފައެވެ.
އެގޮތުން ފުުލުހުން ބުނީ ސްކޭމަރުން މިހާރު ބޭނުންކުރާ އުކުޅުތަކަކީ ލިންކެއް ފޮނުވުމަށްފަހު ފޮޓޯތަކެއް ވެބްސައިޓެއްގައި ހުރި ކަމަށް ބުނެ މެސެޖުތައް ފޮނުވުން ކަމަށެވެ.
އެގޮތުން އެ ފަދަ މެސެޖުތަކުގައި ލިންކު ހިމެނޭއިރު ވެރިފިކޭޝަން ކޯޑު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެންޓި ސްކޭމް ސެންޓަރުން ވަނީ މިފަދަ ކަންކަމުން ސަލާމަތްވުމަށް އެއްވެސް ލިންކަކަށް ނުވަނުމަށާއި ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް އެދިފައެވެ.
މީގެ އިތުރުން ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކޮށް ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުމަށް އިލްތިމާސްކޮށްފައެވެ.



