އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާތަކެއް ނައްތާލައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ ބަނގުރާތައް ނައްތާލާފައި ވަނީ މެއި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
އަދި ނައްތާލާފައި ވަނީ 153 ފުޅި ބަނގުރަލާއި 37 ދަޅު ބަނގުރާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ތަކެއްޗަކީ މި އަހަރުގެ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް އިފުރު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.
ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.



