ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ 78 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމާއ، ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ސަލްމާ ރަޝީދާއި، ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މިޝަންގެ އިސްބޭފުޅުންގެ އިތުރުން މިނިސްޓްރީ އޮފް ހެލްތްގެ އިސްބޭފުޅުން ކަމަށެވެ.
މި މަހުގެ 19 އިން 27 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މެމްބަރު 194 ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރު ނާޡިމް ރަސްމީ ބަޔާން ދެއްވުމަށް ހަމަޖެހިފައިވާ ތަޤްރީރުގެ މައުޟޫއަކީ ”ވަން ވަރލްޑް ފޯ ހެލްތު“ ކަމަށެވެ.
ވޯލްޑް ހެލްތް އެސެމްބްލީގައި ދުނިޔޭގެ ޞިއްޙީ ދާއިރާއިން މިހާރު ފާހަގަކުރެވޭ ތަފާތު މައުޟޫތަކަށް މަޝްވަރާކުރެވޭނެއެވެ.
މިގޮތުން ޔުނިވާސަލް ހެލްތު ކަވަރޭޖް، މައިންނާއި ކުޑަކުދިންގެ ޞިއްޙަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އެންޓިމައިކްރޯބިއަލް ރެސިސްޓެންސް ފަދަ މައުޟޫއުތައް މަޝްވަރާ ކުރެވޭނެ ކަމަށް ހެލްތު މިނިސްްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން އިމަރޖެންސީ ޕްރިޕެއަރޑްނަސް އެންޑް ރެސްޕޮންސް، ޕްރޮގްރާމް ބަޖެޓްއާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެ ކަމަށާއި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތައް މެދުވެރިވުމުން އަމަލުކުރާނެ ގޮތްތަކާ ގުޅޭ މުހިންމު އެގްރީމެންޓެއް ކަމަށްވާ ”ޕެންޑަމިކް އެގްރީމަންޓް“ ގައި ސޮއިކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ހަމައެހެންމެ އެ އެސެމްބްލީގައި ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމުޢިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.



