ކައިވެނި ހަފުލާތައް ޒީނަތްތެރިކޮށްދޭ ކަމަށް ބުނެ ފޭސްބުކުގައި“ޖަސްޓް މެރީޑް“ގެ ނަމުގައި ހިންގާ ޕޭޖުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން އެ ޕޭޖުގެ މައްސަލަ ބަލަން ފަށާފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކައިވެނިކުރި އައިޝަތު ނަދާގެ ދެމަފިރިންގެ ކައިވެނީގެ ހަފުލާގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށްބުނެ ”ޖަސްޓް މެރީޑް“ ޕޭޖު ހިންގާ ގ. ލައުޒާން، މުހައްމަދު ހުނައިން ފައިސާ ނެގުމަށްފަހު އެކަންކަން ނުކޮށް ލަނޑު ދިން މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ”ސައުވީސް“ އަށް މަޢުލޫމާތުދެމުން މިއަދު ވިދާޅުވީ، ސޯޝަލް މީޑިއާގައި އެ ޕޭޖުގެ ޕޯސްޓުތަކެއް ދައުރުވަމުން ދާތީ އެކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް މިކަމާއި ގުޅޭ އިތުުރު ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ޕޯސްޓުތަކުން ފެންނަ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ކައިވެނިކުރި އައިޝަތު ނަދާގެ ދެމަފިރިންގެ ކައިވެނީގެ ޑެކަރޭޝަނާއި 200 މީހުންގެ ކެއުމަށް ”ޖަސްޓް މެރީޑް“ ޕޭޖަށް ނަދާގެ ދެމަފިރިން ފުރަތަމަ 20،000 ރުފިޔާދައްކާފައި ވާއިރު އިތުރަށް ދައްކަން ޖެހުނު 14،500 ރުފިޔާ އާއި 50 މީހުން އިތުރުކުރަން ބޭނުންވެގެން 7،500 ރުފިޔާ އިތުރަށް ވަނީ ދައްކާފައެވެ.
ނަމަވެސް ކައިވެނި ކުރި ފަރާތުން ބުނީ ކައިވެނީގެ ހަފުލާއަށް މީހުން ޖަމާވިއިރުވެސް ކެއުން ގެނެސްފައިނުވާކަމަށެވެ.




