ދިވެހި ޕާސްޕޯޓަށް ރައްކާތެރިވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެދިވަޑައިގެންފިއެވެ.
ޕާސްޕޯޓަކީ ދަތުރުފަތުރު ކުރުމަށް ގެންގުޅޭ ސެކިއުރިޓީ ޑޮކިއުމަންޓެއްކަމުން، ޕާސްޕޯޓު އަބަދުވެސް ރައްކާތެރިކަމާއެކު ގެންގުޅުމަކީ މުހިންމު ކަމެއްކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
”މުއްދަތު އޮތް ޕާސްޕޯޓެއް ގެއްލިޖެނަމަ ޖޫރިމަނާ ކުރެވޭނެ“ އިމިގްރޭޝަނުން ވިދާޅުވެފައި ވެއެވެ.
ހަމައެހެންމެ އިމިގްރޭޝަނުން ވަނީ ގޭތެރޭގައި ކުޑަކުދިންގެ އަތްފޯރާ ހިސާބުގައި ފާސްޕޯޓް ނުބެހެއްޓުމަށާއި ކުޑަކުދިން އަތުން ބައެއް ފަހަރު ޕާސްޕޯޓުގައި ކުރެހި ނުވަތަ ގަނޑުތައް ވީދިފައި ހުންނާތީ އެކަމަށް ސަމާލުވުމަށް އެދިފައެވެ.
އަތްދަބަސް ފަދަ ތަކެތީގައި އަބަދު ޕާސްޕޯޓު ނުބެހެއްޓުމަށާއި ބައެއް ހާލަތްތަކުގައި ދަބަސް ގެއްލި ނުވަތަ ތެމިގެން ވެސް ޕާސްޕޯޓު ހަލާކުވާތީ އެކަމަށް ސަމާލުވުމަށްވެސް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
މީގެ އިތުރުން ގެދޮރު ބަދަލުވާއިރު ޕާސްޕޯޓަށް ރައްކާތެރިވުމަށް އެދި އިމިގްރޭޝަނުން ވަނީ ބައެއް ހާލަތްތަކުގައި ޕާސްޕޯޓް ލެވޭތަނެއް ނޭނގި ގެއްލިގެން އެކި ފަރާތްތަކުން ރިޕޯޓްކުރާކަންވެސް ފާހަގަކޮށްފައެވެ.
ޕާސްޕޯޓަށް ރައްކާތެރިވުމަށް އިމިގްރޭޝަނުން އެދިފަވާއިރު ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ބާރު ގަދަ ޕާސްޕޯޓުގެ މަޤާމު ޖެހިޖެހިގެން 6 ވަނަ އަހަރު ރާއްޖޭން މިވަނީ ދަމަހައްޓާފައެވެ.
”ހެންލީ ޕާސްޕޯޓް އިންޑެކްސް“އިން ދައްކާގޮތުގައި ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގެ 53 ވަނައިގައެވެ. މި އިންޑެކްސްއިން ދައްކާގޮތުގައި ރާއްޖޭގެ ޕާސްޕޯޓުވަނީ ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގައި އޮތް މަޤާމު އަނެއްކާވެސް ދަމަހައްޓާފައެވެ.




