އެލައިޑް އިންޝުއަރެންސް އަށް 40 އަހަރު ފުރުން ކަސްޓަމަރުންނާއެކު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
”އެލައިޑް 40 – މައިލްސްޓޯންސް އެންޑް މުމެންޓަމް“ގެ ނަމުގައި ޖެން ހޮޓެލްގައި އިއްޔެ ވަނީ ޚާއްސަ އިވެންޓެއް ކުރިޔަށްގެންގޮސްފިއެވެ.
އެލައިޑުން ބުނީ ގިނަ އަދަދެއްގެ ކަސްޓަމަރުންނާއެކު ކުރިޔަށްގެންދިޔަ މި އިވެންޓް ހާއްސަކޮށްފައި ވަނީ އެލައިޑުގެ ދިގު ކާމިޔާބު މާޒީގެ ފަހަތުގައިވާ އަގުހުރި، ހިދުމަތްތެރި ކަސްޓަމަރުންގެ އަގުވަޒަންކޮށް އެފަރާތްތަކާއެކު ވަގުތު ހޭދަކޮށް ހިޔާލު ބަދަލުކުރުމަށް ކަމަށެވެ.
އެގޮތުން އެލައިޑް އިންޝުއަރަންސުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ މުއްސަނދި ކުރުމަށް މި އަހަރަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް އުފެއްދުންތަކުގެ ހައިލައިޓްސް އެ އިވެންޓުގައި ކަސްޓަމަރުންނާއި ހިއްސާކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.
އޭގެ ތެރޭގައި، ކްރިޓިކަލް އިލްނެސް ކަވަރ، ސައިބަރ އިންޝުއަރަންސް ކަވަރ އަދި އެމްޕްލޯޔަރސް ލައިބިލިޓީ ކަވަރ ހިމެނެއެވެ.
މިޕްލޭންތަކާއި ގުޅޭގޮތުން އެލައިޑުން ބުނެފައި ވަނީ ކުންފުނީގެ އުފެއްދުންތައް ބައްޓަން ކުރުމުގައި ބަވަނަވަމުންދާ ދުނިޔޭގެ ބަދަލުތަކަށް ފެތޭގޮތަށް ޕްލޭންތައް ފަރުމާކުރުމަށް ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމަށެވެ.
މިގޮތުން މިޕްލޭންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަކީ އުއްމީދެއްކަމުގައި އެލައިޑުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި އިވެންޓްގައި އެ ކުންފުނީގެ އިސްލާމިކް ވިންޑޯ ”އަޔާދީ ތަކާފުލް“ ރީބްރޭންޑްކޮށް ”އެލައިޑް ތަކާފުލް“އަށް ބަދަލުކޮށްފައިވާ ކަމަށް އެލައިޑުން ހާމަކުރެއެވެ.
އެލައިޑުން ބުނީ ޝަރީއާ ކޮމްޕްލައިންޓް އިންޝުއަރަންސް ހިދުމަތްތައް ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ސޮލިއުޝަންސް ފޯރުކޮށްދެމުން އަންނަ މިގޮތްޕައް މި އަހަރު 11 އަހަރު ފުރިފައިވާ ކަމަށެވެ.
ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދިޔަ މި އިވެންޓްގައި އެލައިޑުން ވަނީ މި އިވެންޓްގެ ކޮންމެ ބައިވެރިއަކަށް 150،000 ރުފިޔާގެ އަގުހުރި ހާއްސަ ހޯމް ކޮންޓެންޓް ޕްލޭނެއް ހަދިޔާކޮށްފައެވެ.
އެލައިޑުން ބުނީ ގޭތެރޭގެ މުދާ ރައްކާތެރިކުރާ މި ޕްލޭނަކީ ގޭތެރޭގައި ހުންނަ ސާމާނަށް ކުރިމަތިވެދާނެ ފަދަ ގެއްލުންތަކަށް ބަދަލު ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށެވެ.
ހަމައެއާއި އެކު އިވެންޓްގެ ބައިވެރިންގެ ތެރެއިން ނަސީބު ގުރުއަތުން ހޮވުނު 3 ފަރާތަކަށް އެލައިޑުން ވަނީ 1 އަހަރުގެ ދުވަހުގެ ވަރލްޑްވައިޑް ޓްރެވަލް ޕްލޭނެއް (އޫއެސްއޭ އާއި ކެނެޑާ ނުހިމެނޭގޮތަށް) ވެސް ހަދިޔާކޮށްފައެވެ.
އެލައިޑުން ބުނީ މި ޕްލޭނުގެ ދަށުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ކުރާ ސިއްހީ ފަރުވާއަށްދާ ހަރަދާއި ދަތުރު ޑިލޭވުމާއި ކެންސަލްވުން އަދި ލަސްވެ ނުވަތަ ގެއްލޭ ދަބަސް ފަދަ ތަކެއްޗަށް ބަދަލު ލިބޭނެ ކަމަށެވެ.
މި އިވެންޓް ނިންމާލާފައި ވަނީ އެންމެހާ ބައިވެރިންނަށް ހާއްސަ މެންދުރުގެ ކެއުމަކުންނެވެ.



