މޯލްޑިވްސް އެކްސްޕޯ 2025 ގެ މެއިން ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
މި ސްޕޮންސަޝިޕް އެއްބަސްވުމާ ބެހޭ ހާއްސަ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް ހުސައިން ޒަމީރު އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޒިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އެކްސްޕޯ ނުވަތަ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ، މި މަހުގެ 23 އިން 31 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒެކެވެ.
މި މައުރަޒު އިންތިޒާމްކޮށް ހިންގުމުގެ މަސައްކަތް ކުރިއަށްދަނީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި ބީސީސީ ގުޅިގެންނެވެ.
މި މައުރަޒުގައި ވަނީ އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި ވިޔަފާރިތަކުގެ އިތުރުން، ރަށްތަކާއި ސިޓީތަކާއި، ތައުލީމީ މަރުކަޒުތަކާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.


