ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުންގެނައި ”ޖެނެރޭޝަނަލް ބޭން“ ތަންފީޒު ކުރުމަށް ގާނޫނަށް ގެނައި އިސްލާހު މިއަދު ތަސްދީގުކުރެއްވުމާއެކު ދުންފަތުގެ ބާވަތް ގަންނަންދާ ފަރާތްތަކުގެ އުމުރާމެދު ޔަގީންނުވާނަމަ އައިޑީކާޑު ދައްކަން އެދުމުގެ ބާރު ވިޔަފާރިކުރާ ފަރާތްތަކަށް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ދިވެހި މުޖުތަމައަކީ ސިއްހަތު ރަނގަޅު ދުޅަހެޔޮ ބަޔަކު ދިރިއުޅޭ ގައުމަކަށް ހެދުން ކަމަށެވެ.
ޖެނެރޭޝަން ބޭން އަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ މިފަދަ ފިޔަވަޅުތައް ކުރިން އަޅާފައިނުވަނީ ރައްޔިތުންގެ ހެވާ ލާބައަށްވުރެ ސިޔާސީ ކަންކަން އިސްކުރާތީ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ ޖެނެރޭޝަނަލް ބޭން ތަސްދީގު ކުރެއްވުމާއެކު އުމުރާމެދު ޔަގީންނުވާނަމަ އައިޑީކާޑު ދައްކަން އެދުމުގެ ޤާނޫނީ ބާރު ވިޔަފާރި ކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.
ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަކޮށްފައި ހުންނަ މެޝިނަރީއާއި އާލާތަތްތައްވެސް މި ޤާނޫނުގެ ތެރެއިން އެތެރެކުރުން މަނާވާނެ ކަމަަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޖެނެރޭޝަނަލް ބޭން ތަސްދީގުކުރެއްވުމާއެކު މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ޖެނުއަރީ 1، 2007 ގެ ފަހުން އުފަންވި ހުރިހާ އެންމެންނަށް ދުންފަތް މަނާ ވާނެ އެވެ.
މިގޮތުން އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ބޭނުން ކުރުމާއި އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ ވާނެއެވެ.
ހަމައެހެންމެ ވަކި ހާއްސަ ލައިސެންސެއް ނެތި ދުންފަތުގެ ބާވަތްތައް ނުވިއްކޭނެ އެވެ. ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސަރކުރުން، ޕްރޮމޯޓްކުރުން ފަދަ އެއްވެސް ކަމެއް ކުރުން މުޅީން މަނާ ވާނެ ކަމަށްވެސް އެ ބިލްގައި ވަނީ ބުނެފައެވެ.
އަދި ދުންފަތުގެ ބާވަތްތައް ގަންނަ މީހާއަކީ އުމުރު ހަމަވެފައިވާ މީހެއްކަން ކަށަވަރު ކުރުމަށް އެ މީހެއްގެ އައިޑީކާޑު ވިއްކާ ފަރާތުން ބަލަންޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން މި ބިލަށް އަމަލުކުރަން ފެށުމާއެކު ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުންކުރާ މެޝިނަރީ ރާއްޖެއަށް އެތެރެ ކުރުން މަނާވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވި މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.



