ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް، ތަރައްޤީގެ އަމާޒު ކަށަވަރުކުރުމުގައި މިއަދު ތަސްދީގުކުރި ޖެނެރޭޝަނަލް ބޭން އަކީ އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވަނީ މިފަދަ މަސައްކަތްތަކަކީ އެންމެން ބަލައިގަންނަ، އެންމެންނަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައި ދުށުމަށް އެދިވަޑައިގެންފައެވެ.
”އަމާޒަކީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ޙައްލުތަކެއް ހޯދައިދިނުން. މިފަދަ ނޭދެވޭ ކަންކަމުން ދުރުވެގަތުމަކީ، ޤައުމުގެ މުސްތަޤްބަލައްޓަކާ ކުރެވޭ މުހިންމު ބޮޑު ކަމެއް“ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ މިފަދަ ހައްސާސް މައްސަލަތަކަށް ހައްލު ހޯދުމަށް މި ސަރުކާރުގެ ޕޮލިޓިކަލް ވިލް އޮތް ކަމަށާއި، މި އިޞްލާޙް ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢު ބައިވެރިވާނަމަ، ޤައުމުގެ މުސްތަޤްބަލު ސަލާމަތްކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
”ޤައުމުގެ ކުރިމަގާއި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް، ތަރައްޤީގެ އަމާޒު ކަށަވަރުކުރުމުގައި މި ބިލަކީ އެޅިގެންދާ މުހިންމު ފިޔަވަޅެއް“ އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ޤައުމު އިސްކޮށްގެން، ރައްޔިތުންނަށް ހެވާއިލާބަ އެދިގެން މިހާތަނަށް އައި ސަރުކާރުތަކުން، ދުންފަތުގެ މައްސަލަތައް ފަދަ މައްސަލަތަކަށް ޙައްލުހޯދުމުގެ ސިޔާސީ ވިސްނުމެއް ގެންގުޅެފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް، އެމަނިކުފާނަށް މުހިންމީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ޙައްލު ހޯދުން ކަމަށާއި، އެކަމަށް މި ސަރުކާރުގެ ޕޮލިޓިކަލް ވިލް އޮންނާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.



