މ.ދިއްގަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
މި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު އެވެ.
މި ރަސްމިޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕާސަން އަޙްމަދު އަލީ ހަބީބް އަދި ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) މުޙައްމަދު ޝަރީފުގެ އިތުރުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދިއްގަރުގައި އޭޓީއެމްގެ ޚިދުމަތް ފެއްޓެވުމުގެ ގޮތުން މިނިސްޓަރު އާދަމް ޝަރީފްވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު، ރަމްޒީ އޭޓީއެމް ކާޑެއް ރަށު ކައުންސިލާ ހަވާލުކޮށްދެއްވާފައެވެ.
ބީއެމްއެލް އިން ދިއްގަރުގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސަރވިސް އޭޓީއެމެކެވެ.
މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެމްބަރ 2024 ގައެވެ.


