އޮނާއި ބެހޭ ދިރާސާއެއް ހެދުމަށް ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އެޓްމޯސްފިއަރ ފައުންޑޭޝަނާއެކު ފަހުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ.ޢައިޝަތު ޝެހެނާޒް އާދަމެވެ. އެޓްމޯސްފިއަރ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް ޢަބްދުލް އަޒީޒް ޢަބްދުލް ހަކީމެވެ.
މި ދިރާސާގައި ޖައްވަށް ބޭރުކުރާ ވިހަ މާއްދާއިން ލިބޭ ގެއްލުން ކުޑަކޮށްދިނުމަށް ވައިކަރަދޫއާއި ގޮއިދޫގައި އެޓްމޮސްފިއަރ ފައުންޑޭޝަނުން ހައްދާފައިވާ އޮނު އާލާކުރުމުގެ ބިޔަ މަޝްރޫޢުގެ ތަޖުރިބާއާއި އެ ރަށްރަށުން ނަގާ މައުލޫމާތުތައް ބޭނުންކުރާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނައިބު ރައީސް ޢަބްދުލް އަޒީޒް ޢަބްދުލް ހަކީމް ވިދާޅުވީ ހިރުނދު، ދިއްގާ، ކާނި އަދި މަގޫ، ގަހަށްވުރެވެސް އޮނު ގަހުން ޖައްވަށް ދޫކުރާ ދުންތައް ޖައްވުން ދަމައިގަންނަ ކަމަށެވެ.
އަދި އޮނު ގަސްތަކުން ނޭވާލަން ބޭނުންކުރާ އޮކްސިޖަން ވެސް ޖައްވަށް ދޫކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
”ރާއްޖޭގައި ވަރަށް ކުރީޒަމާނުންސުރެ ހެދިފައިވާ އޮނު އެބަހުރި، މި ދިރާސާގައި އެއީ ކޮންބާވަތެއްގެ އޮނެއްތޯއާއި މިބާވަތުގެ އޮނުތައް ހެދެނީ ކޮން ތަންތާކުތޯއާއި އެ ހިސާބުގެ ވެލީގެ ހާލަތު ބަލާނެ“ ޢަބްދުލް އަޒީޒް ވިދާޅުވިއެވެ.
މީގެ އިތުރުން މިއީ ރާއްޖޭގައި އޮނާއި ބެހޭގޮތުން ހެދޭ މި ފަދަ ފުރަތަމަ ދިރާސާކަން ފާހަގަކުރައްވާ ޢަބްދުލް އަޒީޒް ވިދާޅުވީ މި ދިރާސާ ވެގެންދާނީ ވަރަށް ތާރީޚީ ދިރާސާއަކަށް ކަމަށެވެ.




