ރާއްޖޭގައި އުޅޭ ފަޤީރުން މަދުކުރަން ކުރެވިދާނެ ކަންކަމާމެދު އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއެކު މަޝްވަރާކޮށްފިއެވެ.
އެގޮތުން މިކަމާއި ގުޅޭގޮތުން އެމްއައިބީގެ އިސްވެރިންނާއި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވަނީ މަޝްވަރާ ބައްދަލު ކުރެއްވުމެއް ބާއްވާފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ވަނީ ފުދުންތެރިކަން ދަށް ޢާއިލާތަކަށް އަމާޒުކޮށްގެން އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއި، އަސާސީ ޚިދުމަތްތަކަށް ވާޞިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްރޮގްރާމްތަކެއް ހިންގަން މަޝްވަރާކޮށްފައެވެ.
ހަމައެހެންމެ އެ ޕްރޮގްރާމްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި އާމްދަނީ ހޯދޭނެ މަސައްކަތްތައް ދަސްކޮށްދީ، ވަސީލަތްތައް ފޯރުކޮށްދިނުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.
މި މަޝްވަރާ ބައްދަލުކުރެއްްވުމުގައި އެމްއައިބީން ވަނީ މިއީ ރާއްޖޭގައި ތިބި ފަގީރުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއްކަމުގައި ފާހަގަކުރައްވާފައެވެ.



