ޣައްޒާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ދެމުންދާ ލާއިންސާނީ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިގޮތަށް ގޮވާލާފައި ވަނީ ދުނިޔޭގެ ޞިއްޙަތާ ބެހޭ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ 78 ވަނަ ”ވޯލްޑް ހެލްތު އެސެމްބްލީ“ގައި ފަލަސްތީނާއި ގުޅޭ އިންޓަވެންޝަންގައި މިނިސްޓަރު ޢަބްދުﷲ ނާޒިމް ތަގުރީރު ކުރައްވަމުންނެވެ.
ޣައްޒާގެ ރައްޔިތުންނަށް ބައިނަލްއަޤުވާމީ ޤާނޫނުތަކުން ލިބިދޭ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުވަމުން ނުދާކަމަށް ވިދާޅުވެ މިނިސްޓަރު ނާޒިމް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަދި ޞިއްޙީ ނިޒާމު ސުންނާފަތިކޮށްލައި، އެތައް ހާސްބައެއްގެ ގެދޮރު ނެތިކޮށްލައި، ޞިއްޙީ ފަރުވާދޭ ތަންތަނަށާއި، ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށްދެމުންދާ ހަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅަމުންދާ ހުރަސްތަކާއިމެދު ރާއްޖެއިން ކަންބޮޑުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެހެންމެ މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ހައްގުތަކުން ޣައްޒާގެ ރައްޔިތުން މަހުރޫމްވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެގޮތުން އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ދެމުންދާ ޙަމަލާތައް ރާއްޖެއިން އެންމެ ހަރުކަށި ޢިބާރާތުން މިނިސްޓަރު ވަނީ ކުށްވެރި ކުރައްވާފައެވެ.
މިނިސްޓަރު ނާޒިމް ވަނީ ޣައްޒާއަށް ވަގުތުން ވަގުތަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށް، ކާބޯތަކެއްޗާއި ތެލާއި، މެޑިކަލް ސަޕްލައި އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ގޮވާލައްވާފައެވެ.
އޭގެތެރޭގައި ނަފްސާނީ އެހީތެރިކަމާއި، ކުޑަކުދިންގެ ޞިއްޙަތާއި ގުޅުންހުރި މުހިންމު ކަންކަމާއި، ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދެވޭނެ މަގުފަހިކުރުން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި އދ.ގެ މެމްބަރު ޤައުމުތަކަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
ވޯލްޑް ހެލްތު އެސެމްބްލީ 78 ގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކޮންމެ ޤައުމަކަށް އަދި ކޮންމެ ނަސްލަކަށް ނިސްބަތްވީ ނަމަވެސް އިންސާނީ ޙައްގުތައް ކަށަވަރުވާންޖެހޭ ކަމަށެވެ.
ރާއްޖެއިން މި މައްސަލައިގައި ސާބިތުކަމާއެކު ކުރެވެން އޮތް ހުރިހާކަމެއް ކުރުމުގައި ދެމި ތިބޭނެކަމަށާއި ދިވެހީން އަބަދުވެސް ފަލަސްޠީނާއެކު ތިބިކަން މިނިސްޓަރު ވަނީ ތަކުރާރު ކުރައްވާފައެވެ.



