ޗައިނާ އެމްބަސީގެ ފަރާތުން ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ކުޅިވަރު ސާމާނުގެ ތެރޭގައި 400 ފުޓްބޯޅަ އާއި އެތުލެޓިކްސްގައި ބޭނުންކުރާ 60 ސްޓާޓިން ބްލޮކް އާއި 60 ހާޑަލްސް ހިމެނޭ ކަމަށެވެ.
އަދ މީގެ އިތުރުން 1500 ޓޭބަލް ޓެނިސް ބޯޅަ އާއި 300 ރެކެޓާއި، 60 ޓީޓީ މޭޒުގެ އިތުރުން ސްކޯ ބޯޑުތަކާއި ޖަޖުންގެ ގޮނޑިތަކެއް ހިމެނޭ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ހެންވޭރު ބޯޅަ ގޭގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތުގައި މި ކުޅިވަރު ސާމާނާ ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ.
ޗައިނާގެ ފަރާތުން ސާމާނު ހަވާލުކޮށްދެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޝިންހުއާއެވެ.
ޗައިނާ އިން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކޮށް ދިވެހި އެތުލީޓުންނާއި ޓީމްތަކަށް ތަމްރީން ހެދުމުގެ ގިނަ ފުރުސަތުތަކެއް ހޯދައިދީފައެވެ.



