ވިނަރެސް ފުލެޓަށް އެޕްލައިކުރުމަށް އެދި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް ގުޅައި، ސްކޭމް މެސެޖު ކުރާތީ އެކަމަށް ސަމާލުވާން އެ ކޯޕަރޭޝަނުން މިއަދު އެދިއްޖެއެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ވިނަރެސް ފުލެޓަށް އެޕްލައި ކުރުމަށް އެދި އެ ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް ދައުރުވާ ކަމަށާއި، އެފަދަ ކަންކަމުގައި އެޗްޑީސީން ގުޅައި، މެސެޖުކޮށް ނުހަދާނެ ކަމަށެވެ.
އެގޮތުން ފައިސާ އާއި ޕޭމަންޓާ ބެހޭ އެއްވެސް މައުލޫމާތެއް ހިމެނޭ ލިންކެއް އެ ކޯޕަރޭޝަނުން ނުފޮނުވާނެ ކަމަށާއި އެފަދަ މެސެޖުތަކާއި ކޯލުތަކަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.
ވިނަރެސް ފްލެޓާއި، ހުޅުމާލެއިން ދޫކުރާ އެހެން ފްލެޓުތަކަށް އެދި ހުށަހެޅުމަށް ބުނެ މީގެ ކުރިން ވެސް ވަނީ ސްކޭމް މެސެޖުތަކަކާ ކޯލުތައް އެކި ފަރާތްތަކަށް ކޮށްފައެވެ.
މަކަރާ ހީލަތުން މިފަދައިން މީހުން އަތުން ފައިސާ ހޯދުމަށް އުޅުމަކީ ދުވަސް ކޮޅުކޮޅުން ވަރަށް އާންމުވަމުން އަންނަ ކަމެކެވެ. އެފަދަ ފަރާތްތަކަށް ސަމާލުވެ ތިބުމަށް އަބަދުވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ގޮވައިލަމުންނެވެ.




