މުސްލިމުންނަކީ، އެ މީހުންގެ ޢަމަލުތަކާއި، ވަގުތުތަކުގައި، މާތް ﷲގެ ބަރަކާތާއި ފުއްސެވުމާއި، ރުއްސެވުމުގެ ތެރޭގައި އުޅެންޖެހޭ ބައެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ޚުޠުބާގައި ބުނީ ޢަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު ޢަމަލަކީ މާތް ﷲއަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރާ ޢަމަލުތައް ކަމަށެވެ.
އަދި ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތައް ކަމަށާއި އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަސް ކަމަށެވެ.
ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
”މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ أَيَّامِ نِالْعَمَلُ الصَّالِحُ فِيْهِنَّ أَحَبُّ إِلَى اللّٰهِ مِنْ هَـٰذِهِ الْأَيَّامِ الْعَشْرِ. فَقَالُوْا يَا رَسُوْلَ اللّٰهِ، وَلَا الْجِهَادُ فِيْ سَبِيْلِ اللَّهِ؟ فَقَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: وَلَا الْجِهَادُ فِيْ سَبِيْلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ، فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ) މާނައީ: ”މި ދިހަ ދުވަހަށް ވުރެ، اللهގެ ޙަޟުރަތުގައި ޞާލިޙު ޢަމަލުތައްކުރުން ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއްނުވެއެވެ. އެ ބޭކަލުން ދެންނެވޫއެވެ. އޭ اللهގެ ރަސޫލާއެވެ! اللهގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. اللهގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މެއެވެ. އޭނާގެ ނަފުސާއި މުދާ ހިފައިގެން ނުކުމެ، އެއިން އެއްވެސް އެއްޗަކާއިގެން އެނބުރި ނައި މީހާ ފިޔަވައެވެ.“ ޚުޠުބާގައި ބުނެފައި ވެއެވެ.
ޚުޠުބާގައި ބުނީ މި ދުވަސްތަކުގައި ކުރެވޭން އޮތް ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭ ކަމަށެވެ.
”(ޙައްޖުވެރިޔާ ނޫން މީހާ) ޢަރަފާތު ދުވަހު ރޯދަހިފުމަކީ، ވޭތުވެ ދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނޭ ކަމެކެވެ. އަދި ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެ ދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނޭ ކަމެކެވެ.“ ރަސޫލާ ހަދީސްކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
ބަރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތަކަކީ، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސްކަމަށާއި ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތް الله މި މަތިވެރި އިސްލާމް ދީން ފުރިހަމަކޮށްދެއްވުން ހިމެނޭކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
މި ދީން ފުރިހަމަވުމުގެ ސަބަބުން މި ދީނުގެ މީހުން ކުރާ ޢަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބި އެ މީހުންގެ ޙަޔާތް އަމާންކަމާއި، ރައްކައުތެރިކަން ލިބި އެ މީހުންގެ ސުލޫކާއި އަޚުލާޤު ރިވެތި ސުލޫކުކަމުގައި ވެފައިވާ ކަމަށާއި އިސްލާމް ދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަޞީބުލިބިފައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
މި ދީން ފޯރުކޮށްދެއްވައިފައި ލޮބުވެތި ރަސޫލާ މި ދުނިޔެ ދޫކުރެއްވީ އެންމެހައި މުސްލިމުންނަށް އެނގޭނޭ ފަދަ ސާފު އަމާން މަގެއްގެ މައްޗަށް އެ ބައިމީހުން ނެރުއްވައިފައި ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
މިއަދުގެ ޚުޠުބާގަިއ ވަނީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނަ ކަމަށާއި މުސްލިމުންނަށް މާތްﷲ ދެއްވާ ފުރުޞަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބައެއްކަމުގައިވެ މި ފަދަ ހެޔޮކަން ބޮޑު ދުވަސްތަކުގައި ޞާލިޙު ޢަމަލުތައް ގިނަކޮށް މާތް ﷲގެ ޙަޟުރަތުގައި، މަތީ ދަރަޖައެއް ލިބޭތޯ ވާދަކުރުމަށް ގޮވާލާފައެވެ.
”މި ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ ޢަމަލުތަކުގެ ތެރޭގައި މާތް ﷲއަށް ޒިކުރުކުރުން ހިމެނޭ، ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ޒިކުރުކުރުން، އެއީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރު އަދި އެއީ ދުނިޔެއާއި އާޚިރަތުގައި އެ ކަމުގެ ސަބަބުން ނަޖާވުން ލިބޭނޭ ކަމެއް“ ޚުޠުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޚުޠުބާގައި ބުނީ ޒިކުރުކުރާ މީހާ، ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިގެ ގިންޏާއި ހިލަތަކުގެ ހޫނުން ރައްކައުތެރިކޮށްދޭނެ ކަމަށާއި މާތްﷲއަށް ޒިކުރުކުރާ މީހާގެ މައްޗަށް ﷲގެ ރަޙުމަތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބިގެންވާނެ ކަމަށެވެ.



