މޯލްޑިވްސް އެކްސްޕޯ 2025 ގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާ (އެސްއޯއީ ކެޓަގަރީ) އިން އެއްވަނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ހާސިލު ކޮށްފިއެވެ.
މޯލްޑިވްސް އެކްސްޕޯގެ އިނާމު ދިނުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މި އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި އެ އެވޯޑާ ހަވާލުވެވަޑައިގަތީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ.
މިކަމަށް އިޝާރާތްކޮށް ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން އެ ކުންފުންޏަށް އެވޯޑް ލިބިފައި ވަނީ ”ރީޖަނަލް ސްކާޑާ“ ސިސްޓަމް އެ މައުރަޒުގައި ބައިވެރިކޮށްގެން ކަމަށެވެ.
ރީޖަނަލް ސްކާޑާއަކީ އެކުންފުނިން ހިދުމަތްދޭ ރަށްތަކުގެ ކަރަންޓު އުފެއްދުމުގެ ކަންތައްތައް މޮނިޓާ ކުރުމަށް ތަރައްގީކޮށްފައިވާ ނިޒާމެއް ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެެވެ.
”މި ނިޒާމު ބޭނުންކޮށްގެން ކަރަންޓަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށް، ކަރަންޓް ކެނޑުން މަދު ކުރެވޭނެ އަދި ކުރިއަށް އޮތްތަނުގައި ކަރަންޓް ބޭނުންވާ މިންވަރު އަންދާޒާ ކުރެވޭނެ“ ސްޓެލްކޯގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ސްޓެލްކޯއިން ވަނީ އެ އެވޯޑް ލިބުމާއި ގުޅިގެން އެކަން ކާމިޔާބުކުރުމަށް އެ މަސައްކަތް ކުރި ޓީމަށް ޝުކުރުއަދާކޮށްފައެވެ.
ރައީސް މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް އެކްސްޕޯ 2025 ކުރިއަށް ގެންދަނީ މިއަދުން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި އެކްސްޕޯ އިންތިޒާމްކޮށް ހިންގުމުގެ މަސައްކަތް ކުރިއަށްދަނީ އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.
މި އެކްސްޕޯގައި އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި ވިޔަފާރިތަކުގެ އިތުރުން، ރަށްތަކާއި ސިޓީތަކާއި، ތައުލީމީ މަރުކަޒުތަކާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.




