އ.ދ.އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ، ހައޯ ޖަންގް އެ މަނިކުފާނުގެ މަގާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ހައޯ ޖަންގް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.
އެ މަނިކުފާނުގެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު ރައީސް ވަނީ ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ އަދި އިންސާނީ ވަޞީލަތް ޤާއިމުކުރުންފަދަ ކަންކަމުގައި އ.ދ. އިން އަދާކުރަައްވާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމުގައި އ.ދ.ގެ ބައިވެރިވުން ދެމެހެއްޓުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަންފީޒުކޮށް، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އ.ދ.ގެ ފުރިހަމަ އެއްބާރުން ދެއްވާނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މިއަހަރަކީ ދިވެހިރާއްޖެ އ.ދ.ގެ މެންބަރަކަށް ވިތާ 60 އަހަރުފުރޭ އަހަރެވެ.



